ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ އަޕްގްރޭޑްކުރުމާއި، ކުއީވޯލް ސައިޑް ކަރބްސްޓޯން އިންސްޓޯލްކުރުމާއި ކޭބަލް ޖަންކްޝަންތަކާއި، ސްޓޯމްވޯޓަރ އިންސްޓޯލްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތައް ހަފްތާއެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އެމްޓީސީސީން ވިދާޅުވީ އަންނަ ހަފުތާގައި ތާރު އެޅުމުގެ ކުރިން ސަބް ބޭސް ތައްޔާރުކުރުމާއި، އޭބީސީ އެޅުން ފަދަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެމްޓީސީސީން ވިދާޅުވީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށާއި މިހާތަނަށް 243 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ހެދުމުގެ 5 ވަނަ ސެގްމެންޓްގެ މަސައްކަތުގެ ދަށުން މިހާތަނަށް 47 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ. އަދި މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރުން ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރަމުންދާއިރު، އެ މަގުގެ ފަރުމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މަގު ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ ތަރައްޤީކުރާއިރު، އެންމެ ބޮޑު އެއް ފަސޭހައަކަށްވަނީ މަގު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމެވެ. އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ.
މިހާތަނަށް އެ މަސައްކަތް ނިންމި، އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮންނަ ސަރަޙައްދަށް ބަލާއިރުވެސް މި ލުއިފަސޭހަކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. ފެރީ ލޯންޗުތަކާއި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރާއި، މަސް ދޯނިތައް އަޅާ ޚިދުމަތްދޭ ސަރަހައްދުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ޓްރެފިކް ތޮއްޖެހުން ކުޑަވެ، މަގުގައި ދުއްވާ މީހުންނަށްވެސް އޭގެ ލުއިފަސޭހަކަން ވަނީ ލިބިފައެވެ.
މިހާރު ތަރައްޤީ ކުރަމުންދަނީ، އެމްޓީސީސީއާ ޙަވާލުކޮށް ކުރިއަށްގެންދާ އެ މަގުގެ ފަހު 4 ސެގްމަންޓުގެ މަސައްކަތެވެ. ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި ތަރައްޤީކުރަން ހަމަޖެހިފައިވަނީ 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވަނީ، ގާތްގަނޑަކަށް 98 މީޓަރު ދިގު 28 މީޓަރު ފުޅާ ސަރަހައްދެކެވެ.



