- Advertisement -spot_img

ޓްރަމްޕްގެ ހަނގުރާމައިގެ ޖަރީމާތަކަށް ކެތްނުކުރެވިގެން އެމެރިކާގެ ނޭވީ ސެކްރެޓަރީ އިސްތިއުފާދީފި

އެމެރިކާގެ ނޭވީ ސެކްރެޓަރީ ޖޯން ފީލަން، ރައީސް ޓްރަމްޕްގެ ސަރުކާރުން ވަކިވެއްޖެކަމަށް ޕެންޓަގަންއިން ބުދަ ދުވަހު އިއުލާނުކޮށްފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފީލަން މަގާމުން ވަކިވުމަށް ނިންމަވާފައިވަނީ ބުދަ ދުވަހުން ފެށިގެނެވެ. އަދި ފީލަންގެ ބަދަލުގައި ނޭވީގެ އަންޑަރސެކްރެޓަރީ ހަންގް ކާއޯ، ވަގުތީ ގޮތުން ސެކްރެޓަރީގެ މަގާމާ ހަވާލުވާނެ ކަމަށްވެސް ޕާނެލް ބުނެޏެވެ.

ފީލަންއަކީ ފަހަކަށް އައިސް ޓްރަމްޕްގެ ސަރުކާރުން ވަކިވި އަސްކަރިއްޔާގެ މަތީ ފަންތީގެ އެންމެ ފަހުގެ ބޭފުޅާއެވެ. އޭނާ މި މަގާމުން ވަކިވެފައި މިވަނީ، އީރާނާއެކު އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައާއި، ހޮރްމޫޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނޭވީން ފީލަން ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، އާމީ ޗީފް އޮފް ސްޓާފް ރެންޑީ ޖޯޖް މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވިތާ މަދު ހަފުތާއެއްގެ ތެރޭގައި ހިނގި ކަމެކެވެ. މީގެ އިތުރުން، އާމީގެ އެހެން ދެ އޮފިޝަލުން ކަމަށްވާ ޖެނެރަލް ޑޭވިޑް ހޮޑްން އަދި މޭޖާ ޖެނެރަލް ވިލިއަމް ގްރީން ވެސް ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.

ހެގްސެތު ޕެންޓަގަންއާ ހަވާލުވެވަޑައިގަތް ފަހުން، އަސްކަރިއްޔާގެ މަތީ ފަންތީގެ ދިހައަކަށްވުރެ ގިނަ އޮފިސަރުން ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އޭގެ ތެރޭގައި ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް އާއި އެއާ ފޯސްގެ ވައިސް ޗީފް އޮފް ސްޓާފް ހިމެނެ އެވެ.

ފީލަންއަކީ މީގެ ކުރިން އަސްކަރިއްޔާގައި ހިދުމަތް ކުރައްވާފައި ނުވާ މަދަނީ ބޭފުޅެކެވެ. އޭނާ ނޭވީގެ ސެކްރެޓަރީގެ މަގާމުގެ ހުވާ ކުރެއްވީ 2025 ވަނަ އަހަރުގެ މާޗު މަހުގަ އެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ކާއޯއަކީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަންޑާސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގެންނެވި، ނޭވީގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ނޭވީގެ ލީޑަޝިޕަށް މި ބަދަލު އައިސްފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތް އޮތުން ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގައި ކުރިމަތިލުންތައް ކުރިއަށްދާއިރު، އީރާނުން ވަނީ އެ ސަރަހައްދުން ދެ އުޅަނދެއް ހިފަހައްޓާފައިވާ ކަމަށް ބުނެފަ އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އީރާނުގެ ބަނދަރުތައް އެމެރިކާގެ ނޭވީން ބަންދުކޮށްފައި އޮތް އޮތުމާ މެދު ރައީސް ހިތްހަމަޖެހޭ ކަމަށާއި، އީރާނު އޮތީ ވަރަށް ބަލިކަށި ހާލަތެއްގައިކަން ޓްރަމްޕް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، އެމެރިކާއާ އެކު މަޝްވަރާކުރާ އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލީބާފް ބުދަ ދުވަހު ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވަމުންދާތީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް