ހައްޖު ކޯޓާ އިތުރުކުރުން ސައުދީ އަރަބިއްޔާއިން މިވަގުތު އޮތީ މަޑުޖައްސާލާފައި ކަމަށާއި އެއްވެސް ގައުމެއްގެ ކޯޓާ އިތުރުކުރާނަމަ ރާއްޖޭގެ ކޯޓާ އިތުރުވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މައްކާ އާއި މަދީނާގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްދާތީ އެއްވެސް ގައުމަކަށް ކޯޓާނުދީ މަޑުޖައްސާލާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް ސައުދީގެ ސަރުކާރާއެކު އެންމެ މަތީ ފެންވަރުގައި ވާހަކަ ދެކެވެމުންދާ ކަމަށެވެ.
”ރާއްޖެއަށް އިރާދަކުރެއްވިއްޔާ ކޯޓާ އިތުރުވެގެންދާނެ އެއްވެސް ގައުމަކަށް ކޯޓާ އިތުރު ކުރެވޭ ހާލަތުގައި،“ ޝަހީމް ވިދާޅުވިއެވެ.
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ ކުއްލިއަކަށް އިތުރުވެދާނެތީ ހައްޖު ކިޔުގައި ތިބުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.



