މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ އަހަރީ ރިސާޗް ކޮންފަރެންސަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޮންފަރެންސް ބާއްވަނީ “ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މެކްރޯއިކޮނޮމިކް އަދި މާލީ ހަމަޖެހުން – ސްޓްރަކްޗަރަލް އަދި ދުނިޔޭގެ ބަދަލުތަކުގެ ތެރޭގައި” މި ޝިޢާރުގެ ދަށުންނެވެ.
މި ކޮންފަރެންސަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިޤުތިޞާދީ ތަޖުރިބާކާރުންނާއި ދިރާސާވެރިން އެއް ތަނަކަށް ގެނެސް، އިޤުތިޞާދީ އަދި ސިޔާސަތާ ގުޅޭ އައު ދިރާސާތައް ހުށަހަޅައި މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މީގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިނާޢަތުގެ ތަޖުރިބާކާރުންނާއި ޢިލްމީ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރިއެރުވުމާއި، ރާއްޖެއާ ގުޅުން ހުރި ދިރާސާ އެއްބާރުލުންތައް އިތުރުކުރުމަކީ ވެސް މި ކޮންފަރެންސްގެ އެއް މަޤުޞަދެވެ.
މި އަހަރުގެ ކޮންފަރެންސްގައި އެތައް ދާއިރާއަކާ ގުޅޭ ކަރުދާސް ހުށަހެޅޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އޭގެ ތެރޭގައި މަނިޓަރީ ސިޔާސަތާއި އަގުތަކުގެ ހަމަޖެހުން، މާލީ ހަމަޖެހުމާއި ރެގިއުލޭޝަން، އިސްލާމީ ފައިނޭންސް، މާލީ ޚިދުމަތްތައް ފުޅާކުރުން، ޑިޖިޓަލް ފައިނޭންސް އަދި ޕޭމަންޓް ސިސްޓަމް، މޫސުމީ ނުރައްކާ، ފިސްކަލް ދެމެހެއްޓެނިވިކަން، ސްޓްރަކްޗަރަލް ޓްރާންސްފޯމޭޝަން، ބޯހިޔާވަހިކަމާއި ސްޕޭޝަލް އިކޮނޮމިކްސް، އަދި ހެލްތު އިކޮނޮމިކްސް ހިމެނެއެވެ.
ދިރާސާވެރިންނާއި ޢިލްމީ ބޭފުޅުންނާއި މަރުކަޒީ ބޭންކުތަކާއި އެހެނިހެން ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރު، އަދި ސިޔާސަތާ ގުޅޭ ދިރާސާ ހެދޭ ގްރެޖުއޭޓް ދަރިވަރުންނަށް ވެސް ކަރުދާސް ހުށަހެޅޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ހުށަހަޅާ ޚުލާޞާ ލިޔަންޖެހެނީ އިނގިރޭސި ބަހުން، މައިކްރޮސޮފްޓް ވޯޑް ފޯމެޓުގައި، 150 އާއި 250 ލަފުޒާ ދެމެދުގެ ދިގުމިނުގައެވެ. ޚުލާޞާ ހުށަހެޅުމުގެ ސުންގަޑިއަކީ 20 މެއި 2026 އެވެ. ހޮވޭ ކަރުދާސްތައް 3 ޖޫން 2026 ގައި އަންގާނެ ކަމަށާއި، ފުރިހަމަ ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 3 ސެޕްޓެމްބަރު 2026 ކަމަށް އެމްއެމްއޭ އިން ހާމަކުރިއެވެ.



