- Advertisement -spot_img

ނަފުރަތު އުފައްދައި ހަމަނުޖެހުމަށް ހިތްވަރުލިބޭ ފަދަ ސިޔާސީ ހަރަކާތް ނުހިންގުމަށް އިލްތިމާސްކޮށްފި

އާންމު ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދައި ހަމަނުޖެހުމަށް ހިތްވަރުލިބޭ ފަދަ ސިޔާސީ ހަރަކާތްތައް ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުތަކުގައި މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަދައްކައި، އެ ވާހަކަތައް މީޑިއާގެ ޒަރީއާއިން އާންމުވަމުންދާ ކަމަށެވެ. މީގެ ސަބަބުން އާންމުންގެ މެދުގައި ނަފުރަތު އުފެދި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ވާހަކަދައްކަމުންދާކަން ފާހަގަކުރެވޭ ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މުހިންމު އަސާސީ ހައްގެއްކަން ފާހަގަކުރަމުން އެ ކޮމިޝަނުން ބުނީ، މި ހައްގުގެ ބޭނުން ހިފަންވާނީ އަނެކާގެ ހައްގުތަކަށް އިހުތިރާމް ކުޑަނުވާނެ ގޮތަށް ވަކި ހުދޫދެއްގެ ތެރެއިން ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި، މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށާއި މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލައި، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރުލިބޭ ގޮތަށް ފާޅުކުރާ ހިޔާލުތަކަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު އަމަލުތަކެއް ކަމަށް އެޗްއާރުސީއެމުން ބުނެފަވެއެވެ. މިފަދަ ކަންކަމާ މެދު ނުހަނު ކަންބޮޑުވާކަން ހާމަކޮށް، އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުން މިފަދަ އަމަލުތައް ނުހިންގުމަށް ގޮވާލާފައެވެ.

މީގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިފަދަ ކަންކަން ހުއްޓުވުމަށް ގާނޫނީ އިމުގެ ތެރެއިން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާ ފަދަ އަމަލުތަކުން ދުރުހެލިވެ، އާންމު މަސްލަހަތު އިސްކޮށްގެން ހަރަކާތްތައް ރޭވުމަށް ހުރިހާ ޕާޓީތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްއާރުސީއެމުން ބަޔާނުގައި ބުނީ، ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން ކުރިއަށްދާ ސިޔާސީ ހަރަކާތްތަކަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް