- Advertisement -spot_img

އެންމެ 10 ދުވަހުން ގާދިއްފުށްޓަށް އެރަށާ އެއްވަރުގެ ބިމެއް

ތ. ގާދިއްފުށީގެ ބިން އެންމެ 10 ދުވަހުން ހިއްކާ ނިންމާލައިފިއެވެ.

އެރަށުން ހިންކީ 11 ހެކްޓަރުގެ ބިމެވެ. މިއީ އެރަށުގެ ދެގުނައަށްވާވަރުގެ ބިމެކެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް ނުވަތަ އިންތިޚާބުގެ ނަތީޖާއަކާ ދިމާކޮށް މަޝްރޫޢުތައް ކުރިއަށް ގެންދާ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އޭގެ މިސާލު ދައްކަވަމުން ރައީސް ވަނީ މި މަހުގެ 4 ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ރަށުން ޕީއެންސީއަށް އެންމެ ގޮނޑިއެއް ނުލިބުނުމަވެސް އެރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓާނުލާކަމަށެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، ގާދިއްފުށިން 11 ހެކްޓަރުގެ ބިން ހިއްކާއިރު، ބިން ހިއްކުމަށް 390 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މިއީ ގާދިއްފުއްޓަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ލިބުނު ބޮޑު ޙައްލެޖެވެ. އަދި ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުވާނެކަމެއްވެސްމެއެވެ.

ގުޅުންހުރި ލިޔުންތައް