ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މޫނިމާގެ / ތ.ވިލުފުށި، އާދަމް ޢަދްލާން ލަޠީފް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ މާދަމާއަށް ހަމަވާނެ އެވެ.
ފުލުހުން ބުނި ގޮތުގައި އާދަމް ޢަދްލާން ހައްޔަރުކޮށްފައި ވަނީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އާދަމް ޢަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުމާ ގުޅިގެންނެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންނެވެ.
ކުޑަކުދިންގެ ކަރާމާތަށް އުނިކަންލިބޭ ގޮތަށް އެކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެކެވެ. އެގޮތުން، މިފަދަ އަނިޔާ ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ހޯދައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.



