ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ރާއްޖޭގެ ފަތުވެރިކަން އިޝްތިހާރުކުރުމަށް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ، ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ ހައިސިއްޔަތުން އޭނާ މި ޤައުމުގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށް ބުނެފައެވެ. އަދި އެ ޕޯސްޓުގައި ވަނީ ފެބްރީޒިއޯގެ ވީޑިއޯއެއް ވެސް ހިމަނައިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސް އިން ކޮށްފައިވާ ޕޯސްޓުން ފެންނަ ވީޑިއޯގައި އޭނާ ވަނީ ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ކޮންމެ މީހަކު ވެސް އަރާމުކުރަން ތަނެއް ބޭނުންވާނެ ކަމަށާއި އެގޮތުން ބަލާއިރު ރާއްޖެއަކީ ވަރަށް ފާހަގަކުރެވޭ ޤައުމެއް ކަމަށް ބުނެފައެވެ.
އޭނާވަނީ، ރާއްޖޭގެ ރީތިކަން ފެނި ހައިރާންވާކަން ފާހަގަކޮށް، މުޅި މާހައުލުން ވެސް ހިތްހަމަޖެހުން ލިބޭ ކަމަށް ބުނެފައެވެ.
2022 ވަނަ އަހަރުގެ ގްލޯބް ސޮކާ އެވޯޑްސްގައި ’ބެސްޓް ފުޓްބޯލް ޖާނަލިސްޓް’ގެ އެވޯޑް ހާސިލުކޮށްފައިވާ ފެބްރީޒިއޯއަކީ ޓްރާންސްފަރ މާކެޓުގެ ޚަބަރުތައް ފަދަ މައުލޫމާތު ހިއްސާކުރާ އެންމެ އިތުބާރުހިފޭ ނޫސްވެރިންގެ ތެރެއިން އެކަކު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
މިހާރުވެސް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިންނާއި އެހެނިހެން މަޝްހޫރު ފަރާތްތައް ދަނީ ޗުއްޓީ ހޭދަކޮލުމަށް ރާއްޖެ އަންނަމުންނެވެ. އަދި އެފަރާތްތަކުން ރާއްޖޭގެ ރީތިކަމަށް ތައުރީފުކުރެއެވެ. ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް ފެބްރީޒިއޯ ހަމަޖެއްސުމާއި ގުޅިގެން އެކަމުގެ ފައިދާ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެކަމަށް ޤަބޫލުކުރެވެއެވެ.