ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނަށް ދެން އޮތީ ފަހު ފުރުސަތު ކަމަށާއި، އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ މުޅި އީރާނު ގޮއްވާލާނޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ މިއިންޒާރު އައީ، އެމެރިކާގެ ފޮކްސް ނިއުސްއަށް ދިން އިންޓަރވިއުއެއްގައެވެ. ކިބުރުވެރިކަމާއިއެކު ޓްރަމްޕް ބުނީ، ކުރީގެ ރައީސް އޮބާމާ ހެދި ގޯސް އޭނާ ތަކުރާރު ނުކުރާނޭ ކަމަށެވެ.
މިއީ އީރާނަށް ލިބޭ ފަހު ފުރުސަތު ކަމަށާއި، އީރާނުން އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ މުޅި ގައުމު ގޮއްވާލެވިގެންދާނޭ ކަމަށް ޓްރަމްޕްގެ އިންޒާރުގައި ވެއެވެ.
ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އީރާނުން އެއްބަސްވުމަކަށް ނުގޮސްފިނަމަ އީރާނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އޭނާ އަޅާނޭ ކަމަށާއި، ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސުން ކުރަންޖެހޭ ކަމެއް އޭނާއަށް ކުރަން ޖެހުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އެގޮތުން ޓްރަމްޕް ބުނެފައިވަނީ، މިއީ އީރާނުގެ ކަންތައް “ނިންމާލާނޭ” ފަހަރު ކަމަށެވެ.
އީރާނުގެ އާބާދީގައި 93 މިލިއަނަށްވުރެ ގިނަ މީހުން ހިމެނެއެވެ. އީރާނަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް ހަޟާރަތެވެ. އެމެރިކާގެ ރައީސް އިންޒާރު ދެމުން މިގެންދަނީ އެ ހުރިހާ އެންމެނާއެކު އީރާނު ގޮއްވާލާނޭ ކަމުގެ ވާހަކައެވެ. މިފަދަ އިންޒާރުތައް ދިނުމަކީވެސް ހަނގުރާމައިގެ ޖަރީމާއެކެވެ. އެއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ކުށްވެރިވާނޭ ވާހަކަތަކެކެވެ.
ޓްރަމްޕް ބުނެފައިވަނީ، އީރާނާ ވާހަކަ ދެއްކުމަށްޓަކައި އޭނާގެ މަންދޫބުން މާދަމާ ހަވީރު ޕާކިސްތާނަށް ދާނޭ ކަމަށެވެ. ދެވަނަ ބުރުގެ ވާހަކަތަކަށް ނައިބް ރައީސް ޖޭޑީ ވެންސް ނުދާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ޕާކިސްތާނުގައި ބާއްވަން ތައްޔާރު ވަމުންދާއިރު، އީރާނުން އިއްޔެ ބުނެފައިވަނީ، އީރާނުން ހޮރްމޫޒު ބަންދުކުރުމުން އެމެރިކާގެ އައު ހުށަހެޅުންތަކެއް ލިބި އެކަމާމެދު އިރާނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.



