ބޮޑުތަކުރުފާނު މަގުމަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް ފަހެއްގެ 45 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހި (ސެގްމެންޓް 2 އިން 5) އަށްވާ ސަރަހައްދުގެ މަސައްކަތް ފެށީ ފާއިތުވި މަހުގެ 24 ގައެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން އިއްޔެ ބުނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް ފަހެއްގެ ފެން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
“އެ މަސައްކަތުގެ ދަށުން ކާބްސްޓޯން އިންސްޓޯލް ކުރުމާއި، ސައިޑްވޯކް ހެދުމާއި، ލައިޓް ޕޯސްޓް ފުޓިން، ސެޓްލްމަންޓް ޓޭންކް އިންސްޓޯލް ކުރުމާއި، ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތް 50 އިންސައްތަ ނިމިފައިވާ އިރު، ސްޓޯމް ވޯޓާ ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަން އިންސްޓޯލްމަންޓްގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ނިމޭނެ.” އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން ސެގްމަންޓް 2،3 އަދި 4 ގެ ޝީޓް ޕައިލިންގެ މަސައްކަތް ވެސް ތާވަލަށް ވުރެ އަވަހަށް ކުރިއަށްދާ ކަމަށާއި 145 މީޓަރުގެ ޝީޓް ޕައިލިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފައެވެ.



