ކާމިޔާބީއާއި ނާކާމިޔާބީގެ ވަގުތުގައި ވެސް އިސްކުރައްވާނީ އަދުލުވެރިކަމާއި އިންސާފުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިންތިހާބުގައި ލިބުނު ކާމިޔާބީގައި، ކުރިއަށް ދިއުމުގައި ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ފަރާތުން ދޭނެ ކަމަށާއި މީގެ އިތުރުން ކާމިޔާބީ ނުލިބި ދިޔަ ރަށްރަށުގައި ވެސް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއިއެކު ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށެވެ. ސަބަބަކީ އެމަނިކުފާނުގެ ސިޔާސަތަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއިއެކު ހިދުމަތްތައް އާންމުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޖުމުލަކޮށް ބަލާއިރު ކައުންސިލް މެންބަރުންނާއި ރައީސުންގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނާއި ރައީސާގެ ގިނަ ގޮނޑިތަކެއް ކޮންގްރެސް ޕާޓީއަށް ކާމިޔާބުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ސިޓީތަކުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ކަމަށާއި އަދި މުޅި ރާއްޖެއިން ވެސް ބޮޑު ނާކާމިޔާބީއަކާއި ރިފަރެންޑަމް ވޯޓުގައި ކުރިމަތިލާންޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެހެންވީމާ ނާކާމިޔާބީ ވެސް ހިމެނޭ އަދި ކާމިޔާބީ ވެސް، ކާމިޔާބީގެ ތެރެއިން ވަރަށް ފޮނި ކާމިޔާބީ ވެސް ހިމެނޭ އިންތިހާބެއް ނިމިގެން މިދިޔައީ، އެހެންވީމާ ނާކާމިޔާބީގައި ވެސް އަދި ކާމިޔާބީގައި ވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފަށައިގެން ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް ހުއްޓުމެއް ނައިސް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވެލައްވާފައިވާ ވައުދުފުއްދަވާނެ ކަމަށެވެ.



