ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއްކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ނުވަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު އެފްއޭކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް މޮޅުވިއިރު މިއީ އެފްއޭކަޕްގެ ޗެމްޕިއަންކަން އެޓީމުން ހޯދި 13 ވަނަ ފަހަރެވެ. އަދި އެޓީމު އެންމެ ފަހުން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ސްޕޯޓްސް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މެޗު ޑޮމިނޭޓްކުރިއިރު. އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ މިމުބާރާތުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.
ނިއުރޭޑިއަންޓުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ޖިމޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މިމެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގޭރޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.



