- Advertisement -spot_img

ގިނަ ރައްޔިތުން ތިބީ ޕީއެންސީގެ ދީނީ އަދި ޤައުމީ ފިކުރާއެކު: ރައީސް

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ތިބީ ޕީއެންސީގެ މައިގަނޑު ފިކުރު ކަމުގައިވާ ދީނާއި ޤައުމީ ފިކުރަށް މެޖޯރިޓީ ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އއ. ރަސްދޫއާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ޕާޓީއަކުން މަޤާމަކަށް އިންތިޚާބުވި ނަމަވެސް އިސްކުރައްވާނީ ދީނާއި، ޤައުމުގެ މަސްލަހަތު ކަމަށެވެ. މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުން ހުރީ ޤައުމާއި ދީން އިސްކުރުމުގެ ވިސްނުމުގައިކަން ހާމަވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި ސިޓީތަކުން ކާމިޔާބު ނުލިބުނަސް، ރައްޔިތުންގެ ހައްޤުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އިންތިޚާބު ކާމިޔާބުކޮށް އަދި މަޤާމުތަކާ ހަވާލުނުވެވެނީސް ބައެއް އިންތިޚާބީ ކެނޑިޑޭޓުން މަގުތަކަށް ނިކުމެ ހަޑިހުތުރު ބަސްތައް ބޭނުންކޮށް، އަޚުލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން ވޯޓުދެނީ މަސައްކަތާ ހަވާލުވާ ހިސާބުން ފެށިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަށާއި ނަމޫނާ ބަޔަކަށް އެ މަންދޫބުން ވާނެކަމުގެ އުންމީދުގައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ”މިހާރު މިފެންނަ މަންޒަރުން މާލޭ ސިޓީ ކައުންސިލުން މި އެއްބާރުލުން ލިބޭނެތަނެއް ނުފެނޭ. އަދި ނުވޭ ހަފްތާއެއް މިހާރު މަގުމަތީގައި އެއުޅެމުންދާ ގޮތް އެފެންނަނީ،“ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެކަށީގެންވާ ސަބަބެއް ނެތި ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދޭނަމަ އެކަން ވަރަށް ތަފުޞީލުކޮށް ރައްޔިތުންނަށް ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް