ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށް އޮތް ލައިސަންސެއްކަމަށް ދެކި، މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެ ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޤާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި، އޮންލައިން ނޫހެއްގައި ލިޔެފައިވާ އާޓިކަލަކީ އެއްވެސް ހަޤީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
މާރިޗު 5 ވަނަ ދުވަހު ރާއްޖޭގެ އޮންލައިން ނޫހެއްގައި ފެތުރި ޚަބަރު ދޮގުކުރައްވައި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް، އެއްވެސް ޙަޤީގަތެއް ނެތި ސިޔާސީ ބޭނުމުގައި ފަތުރަމުންދާ ދޮގު ވާހަކަތައް ހުއްޓުވައިދީ ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ.
އިތުރަށް ތަފްސީލް ކޮށްދެއްވަމުން ޤާސިމް ވިދާޅުވީ ރޯޔަލް އައިލެންޑް ރިސޯޓަށް ޤާސިމް ވަޑައިގެންނެވި ކަމަށް ޚަބަރުގައި ލިޔެފައިވީ ނަމަވެސް، ޤާސިމް ވިދާޅުވީ އެ ރިސޯޓަށް އެމަނިކުފާނު ވަޑައިނުގަންނަވާތާ މިހާރު ތިން އަހަރު ވާނެ ކަމަށެވެ. އާޓިކަލްގައި ބަޔާންކޮށްފައިވާ މުޙައްމަދު ޝިހާބު އާއި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް، މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ރޯޔަލް އައިލެންޑް ރިސޯޓަށް ވަޑައިނުގަންނަވާކަމަށް ޤާސިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
”އެހެންކަމުން، އަޅުގަނޑާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއްކަމުގައިވާ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި، މިހާރުގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމު އާއި ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަޤީޤަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުން ދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ.“ ޤާސިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޤާސިމް ވިދާޅުވީ، އެފަދަ ލިޔުންތައް ޝާޢިއުކުރާ ފަރާތްތަކަކީ، ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގިތިބެ، މުޖުތަމަޢު ފަސާދަކުރުމުގެ ބޭނުމުގައި އެފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތައް ކަމަށެވެ.