ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމު މިދިޔަ ހަފްތާގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ބަޔާނުންނެވެ. ބަޔާން މުބާރާތުގެ ސެމީއަށް ދަތުރުކުރީ 6-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ބަޔާންގެ ދަނޑުގައި ރޭ ކުޅުނު 35 ވަނަ ސިކުންތުގެ ތެރޭގައި ބަޔާންގެ ކީޕަރު ނޯޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރެއާލްގެ އާޑާ ގުލާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ ހަވަނަ މިނެޓްގައި އެލެކްސެންޑާ ޕަވްލޮވިޗް ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މިއީ ރެއާލްގެ އޭރިއާ ތެރެއަށް ކޯނަރަކުން ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ރެއާލުންނެވެ. ބަޔާންގެ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުމަކުން މި ގޯލުވެސް ކާމިޔާބުކޮށްދިނީ ގުލާ އެވެ. މެޗުގެ 38 ވަނަ މިނެޓްގައި ހެރީ ކޭން ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިންއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ކިލިއަން އެމްބާޕޭ ވަނީ އަލުން ރެއާލަށް ލީޑު ނަގައިދީފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ގޯލުޖަހަން މަސައްކަތް ކުރަމުންދިޔައިރު، ރެއާލަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 86 ވަނަ މިނެޓްގައި އެޓީމުގެ ކަމަވިންގާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. އެ ރަތް ކާޑުގެ ފައިދާ ނަގައި، ބަޔާނުން ފަހުވަގުތު ދެ ގޯލް ޖެހި އެވެ. އެގޮތުން މެޗުގެ 89 ވަނަ މިނެޓުގައި ލުއިސް ޑިއާޒް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަން އިރު، 94 ވަނަ މިނެޓުގައި އޮލީސޭ ބަޔާނަށް ފަހު ގޯލް ޖަހަައިދީ، ސެމީ ޔަގީން ކޮށްދިނެވެ.
ބަޔާނުން ޗެމްޕިއަންސް ލީގު ސެމީގައި ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.



