އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި ރޭ 2-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ނުވަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޓީސީ ސްޕޯޓްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ބުރު ސްޕޯޓްސް ކުލަބު ޖާގަހޯދީ ކުއާޓާ ފައިނަލުގައި ދިވެހި ލީގު ޗެމްޕިއަން މާޒިޔާ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-6 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި ޓީސީ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޓީސީ އިން ލީޑުހޯދީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ބޯޑޫ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް ބޯޑޫ އެވެ.
މިނަތީޖާއެކު އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މުބާރާތުގެ ފައިނަލުގައި ޓީސީ އިން ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. އަދި މިއީ ޓީސީ އެފްއޭކަޕްގެ ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ.
މީގެ އިތުރުން މިއީ އެފްއޭކަޕް ފައިނަލުގައި މިދެޓީމު ވާދަކުރާ ދެވަނަ ފަހަރެވެ. އެގޮތުން މީގެ ނުވަ އަހަރު ކުރިން، 2017 ވަނަ އަހަރުގެ އެފްއޭކަޕް ފައިނަލުގައި މިދެޓީމު ވާދަކޮށްފައިވާއިރު، ޕެނަލްޓީގައި ޓީސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް އިންނެވެ.



