2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، ކުންފުނިތަކާއި އަމިއަލް ފަރުދުން-ނޫން ފަރާތަތަކުގެ އިންކަމް ޓެކުހާއި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފިއެވެ.
މިރާއިން މިނަންތައް ހާމަކޮށްފައިވަނީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުންނެވެ. މި ގޮތުން، މީރާއިން އިއްޔެ ފުރަތަމަ ޝާއިއުކުރި ލިސްޓުގައި ޖުމުލަ 48 ފަރާތެއް ހިމަނައިފައިވެއެވެ.
މިރާއިން ވިދާޅުވި ގޮތުގައި މި އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވެއެވެ. އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން ވިދާޅުވިއެެވެ.
މިރާއިން އިތުރަށް ވިދާޅުވީ ދައުލަތަށް ދައްކަންޖެހި ނުދައްކައިހުރި ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނޭކަމަށެވެ.
މިއާއެކު މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިންވަނީ އިލްތިމާސްކޮށްފައެވެ.



