ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓްރީ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ. އެގޮތުން މެންބަރު މުހައްމަދު އިބްރާހިމް ސުވާލު ކުރައްވާފައިވަނީ، ލޭގެ ހިދުމަމަތާ ބެހޭ ޤައުމީ ނިޒާމު ގާއިމުކޮށް، ތެލެސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި އެ ކުދިން ސެންޓަރަށް ތައާރަފުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ލޭގެ ތަފްސީލު ދަފްތަރެއް ގާއުމް ނުކުރެވި ގިނަ ދުވަސްވަނީ ކީއްވެތޯ އެވެ. އަދި ލޭ ހޯދުމާއި ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވިގެން އުޅެނީ ކީއްވެތޯވެސް ސުވާލު ކޮށްފައިވެ އެވެ.
އެ ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ތެލެސީމިއާ ކުދީންގެ ގައުމީ ދަފްތަރުގައި ވަންގަވް މެދުވެރިކޮށް ރަޖިސްޓްރީ ވުމާއި އަދި ރަޖިސްޓްރީ ބެލެހެއްޓުން 2026 ޖެނުއަރީ މަހު ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށް ޕްލޭން ކުރެވިފައި ހުރި މުހިންމު ޕްރޮޖެކްޓްތަކުގެ ތެރޭގައި، ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ މިވަގުތު ބަލަހައްޓަމުން އަންނަ މެނުއަލް ސިސްޓަމުން އޮންލައިން އިންފޮމޭޝަން ސިސްޓަމަކަށް ބަދަލުކުރުމަށް މަސައްކަތް ފެށިފައިވާ ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، މި ހިދުމަތް ޒަމާނީ ކުރެވުމުން، ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންގެ ތެރެއިން ލޭ ދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ލޭގެ ގުރޫޕު ހިމެނޭގޮތަށް ރަޖިސްޓްރީވެވޭނެ ކަމަށެވެ.
މީގެއިތުރުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް އިންތިޒާމު ކުރުމާއެކު ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް މެޕް ކުރެވިފައިވާ ގައުމީ ޑޭޓާ ބޭސްއެއް ވުޖޫދުވުމުން ލޭ ހޯދުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ވަށާޖެހޭ ހައްލެއް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ތެލެސީމިއާ ކުދީންނާއި އަދި އެނޫންވެސް ސިއްހީ ބައެއް ބޭނުންތަކަށް ގަވައިދުން ލޭއަޅަންޖެހޭ ފަރާތްތަކަށް ލޭ އެޅުމުގެ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ލެބޯރެޓަރީ ހިދުމަތްތައް ޖުމުލަ 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުގެ ގޮތުގައި ގާއިމުކޮށްފައިވާ ކަމަށެވެ.



