- Advertisement -spot_img

ދެވަނަ ބުރުގައި ރީ-ރަޖިސްޓާވުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އާ ހަމައަށް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އާ ހަމައަށް ހުޅުވާލަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވެވޭނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އީސީން ބުނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި އިންތިހާބުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށް ކަމަށެވެ.

ވޯޓުލުމަށް މާލެ، ހުޅުމާލެ، ވިލިމާލެ، ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ.މާވަށް، ފުވައްމުލައް ސިޓީ، ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އީސީން ބުންޏެވެ.

ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް