- Advertisement -spot_img

ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގައިފި

އީރާނާ އެމެރިކާ އާ ދެމެދު ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމުމާ ގުޅިގެން، އެކަމާ ކޯފާވެ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކޮށްފިއެވެ.

މިކަމަށް ރައްދުދެމުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އިންޒާރު ދީފައިވަނީ، އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުތައް އޮތީ އެ ފަރާތުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އެއްވެސް ދުޝްމަނަކު ގޯސް ފިޔަވަޅެއް އަޅައިފިނަމަ، އެ ކަނޑުއޮޅީގެ ތެރޭގައި ”މަރުގެ މަޅިއެއްގައި“ ޖައްސާނެ ކަމަށެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި އާންމުކުރި ދިގު ބަޔާނެއްގައި ބުނީ އޭނާގެ އެންމެ ފަހުގެ އަމާޒަކީ ހޮރްމޫޒް ކަނޑުއޮޅީގައި އަޅާފައިވާ މައިންތައް ނައްތާލައި، ހުރިހާ އުޅަނދުފަހަރަކަށް އެތަން ހުޅުވާލުން ކަމަށެވެ. ނަމަވެސް އެ ވަގުތާ ހަމައަށް، އެ ކަނޑުއޮޅީގެ ކޮންޓްރޯލް ބޭނުންކޮށްގެން އީރާނަށް މަންފާ ހޯދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ޓްރަމްޕް ބުންޏެވެ.

ދުނިޔޭގެ ބާޒާރަށް ތެލާއި، ގޭސް އަދި ގަސްކާނާ ފޮނުވާ މައިގަނޑު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް އީރާނުން މިހާރުވެސް ދަނީ ހިފަހައްޓަމުންނެވެ. ނަމަވެސް ޗައިނާ ފަދަ އީރާނާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގެ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދެއެވެ. މީގެ އިތުރުން، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ތެހެރާނުން ރާވަމުންދާ ކަމުގެ ކަށަވަރުނުވާ ރިޕޯޓުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ދާދި ފަހުން ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ، ބެއިޖިންއިން އީރާނުގެ އަސްކަރިއްޔާއަށް އެހީތެރިވާން މަސައްކަތްކޮށްފިނަމަ، ޗައިނާއިން އެތެރެކުރާ މުދަލުން 50 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ”އެއް ދުވަސް ތެރޭގައި އީރާނު ސުންނާފަތިކޮށްލެވިދާނެ“ ކަމަށާއި، އެ ގައުމުގެ ހަކަތަ އުފައްދާ ހުރިހާ މަރުކަޒުތަކެއް ނައްތާލުމުގެ ގާބިލުކަން އެބަހުރި ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް