ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ ރަސްފަންނަށް ޒިޔާރަތްކުރައްވައި، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާޙައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް މިއަދު ބައްލަވާލައްވައިފިއެވެ.

ސަރުކާރުން މި މަސައްކަތް ފައްޓަވާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެންނެވެ.

އެދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެ ދެ ތަނަކީވެސް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ދެތަން ކަމަށް ވުމާއެކު، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވައި އަދި ކުރިޔަށްވުރެވެސް އެދެތަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު އެދުވަހު ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްފަންނަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މިހާތަނަށް ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭ ޙާލަތަށް ގެނައުމަށް ކޮއްފައިވާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯއްދަވާފައެވެ.

އަދި މިއަދުން ފެށިގެން ވަގުތީގޮތުން ރަސްފަންނު އާންމުންނަށް ހުޅުވާލާއިރު، ރަސްފަންނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަޙައްދަށް މިހާރު ވަނީ އަލުން ދޮންވެލިލައި އެއްވަރުކޮށްފައެވެ. މީގެ އިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައެވެ. ރަސްފަންނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވައި، ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެއްދެވުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ.

އެ ގޮތުން މި ރަމަޟާން މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާހާނާ ބަރިއެއް ޤާއިމުކުރުމާއެކު މަސްބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމްގެ އާބާތުރަފިލުވައި އަލުން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ޙައްލުތަކެއް ގެނައުމަށް އަލުން ތަރައްޤީ ކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް