- Advertisement -spot_img

އެފްއޭ ކަޕް: ޗެމްޕިއަން މާޒިޔާ ކަޓުވާލައި ސެމީގެ ފަހު ޖާގަ ބުރުން ހޯދައިފި

އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ގޯލެއް ޖަހައި، މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. މިއީ، މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) އަށް ބުރުގެ ފާރޫގު އިސްމާއިލް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މާޒިޔާ އިން ވަނީ 62 ވަނަ މިނިޓްގައި މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. މިއީ، މާޒިޔާގެ އަޒަރުބައިޖާން ޑިފެންޑަރު، ނާޒިމް މަމަދްޒާދާ މަތިން ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، އިލާން ވަނީ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ގޯލުގެ ލީޑެއް ލިބުމުން، މާޒިޔާ އިން ފަރުވާ ކުޑަކޮށްލުމުގެ ފައިދާނަގައި، ދެ މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ބުރުން އެއްވަރުކުރި އެވެ. އެ ގޮތުން، ބުރުގެ ފުރަތަމަ ލަނޑަކީ، މާޒިޔާގެ އޭރިއާތެރެއިން، 69 ވަނަ މިނިޓްގައި ތޯއިފް ގާސިމް (ތޯއްޕެ) ޖެހި ގޯލެކެވެ. އޭގެ މިނިޓެއް ފަހުން، ކޯނަރެއްގައި ހުރަސްވި ބޯޅައަކުން މިސްރު ޑިފެންޑަރު، އަލާ ނާސިރު ބޮލުން ޖެހި ޖައްސާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން، މާޒިޔާގެ ހައިޝަމް ގޯލު ރޮނގުމަތިން ސަލާމަތްކުރިއިރު، ރީބައުންސް ލިބުނީ ބުރުގެ ގާނާ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ ވަނީ ގޯލަށް ވައްދާލައިފައެވެ.

މާޒިޔާ އަށް އަލުން ލީޑުނަގައިދޭން ހަމްޕު ފޮނުވާލި ޝޮޓްތައް ބުރުގެ ކީޕަރު، އަބްދުﷲ އަރުޝަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ބުރު މޮޅުވީ، 6-5 އިންނެވެ.

ގުޅުންހުރި ލިޔުންތައް