އެފްއޭކަޕް ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި އިއްޔެ ހަވީރު ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވިކްޓަރީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތިޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ، ޓީސީގެ ނައިޖީރިއާގެ ފޯވާޑް އިބްރާހިމް ޖިމޯ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޓީސީގެ ލަނޑަށްފަހު އަލުން މެޗުގެ ލީޑުހޯދުމަށް ވިކްޓަރީގެ ރިޒޭ އަދި ލެޗްނީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވިދިޔައިރު، ޓީސީ އިން ލީޑުހޯދީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އައިހަމް ހަމްދޫން އެވެ.
މެދުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީގެ ލީޑު ފުޅާކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު ދާނިޝް އިބްރާހިމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.



