ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން ސްޕެއިނުން އިސްރާއީލުގެ އަސްކަރިއްޔާއަށް ފާޑުކިޔުމާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސްޕެއިނަށް ވަރަށް ބޮޑަށް ކޯފާވެ، ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ.
ނަތަންޔާހޫ ވަނީ ގާޒާގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭ ކަންކަން ބަލަހައްޓާ، އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ ކިރްޔާތު ގާތްގައި ހުންނަ ކޯޑިނޭޝަން ސެންޓަރުން ސްޕެއިން ވަކިކުރުމަށް އަމުރުކުރައްވާފައެވެ. މިއީ އިސްރާއީލާ ދެކޮޅަށް ސްޕެއިނުން ގެންގުޅޭ ސިޔާސަތުތަކަށް ދިން އަދަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މީގެ އިތުރުން ސްޕެއިނުން ވަނީ އިސްރާއީލުގައި ހުންނަވާ އެގައުމުގެ ސަފީރު ދާއިމީކޮށް އަނބުރާ ގެންގޮސްފައެވެ. އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ސްޕެއިނުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ސްޕެއިން އެމްބަސީ އަލުން ހުޅުވައި، ގުޅުން ބަދަހިކުރަން ވަނީ ފަށާފައެވެ.
ލުބުނާނަށް ދިން މި ހަމަލާތަކުގައި އިސްރާއީލުން ބުނާ ގޮތުގައި ހިޒްބުاللهގެ 100 އަމާޒަކަށް ހަމަލާދީ 180 ހަނގުރާމަވެރިން މަރާލާފައިވެއެވެ. ނަމަވެސް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގައި 357 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުންނެވެ. އަދި 1,200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހަމަަނުޖެހުންތައް ހިނގަމުންދާއިރު، ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނުގެ އިސް މަންދޫބުން ދަނީ ސުލްހައިގެ ވާހަކަތައް ބާއްވަމުންނެވެ. އެމެރިކާގެ ފަރާތުން ވައިސް ޕްރެޒިޑެންޓް ޖޭ.ޑީ. ވެންސް ބައިވެރިވެވަޑައިގަންނަވާއިރު، އީރާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފެވެ.
މި މަޝްވަރާތަކަކީ މިހާރު އޮތް ނާޒުކު ހާލަތުން ސަރަހައްދު ސަލާމަތްކުރުމަށް އޮތް އެންމެ ފަހުގެ ފުރުސަތު ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.



