މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން، ހުށަހެޅި ޝަކުވާތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓަށް މައްސަލަ ހުށަޅަން 14 ދުވަސް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އެ އިންތިހާބުތަކާ ބެހޭ ޝަކުވާތަކުގެ ގޮތުގައި ޖުމުލަ 170 ޝަކުވާއެއް ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ލިބިފައިވާ ކަމަށެވެ.
ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ޒާހިދު ވިދާޅުވިއެވެ.
އަދި އިންތިހާބުތަކާ ގުޅިގެން ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުންދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް އޮންނާނެ ކަމަށާއި، މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅޭނެ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.



