މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ ޖަޕާންގެ ކުންފުންޏެއްކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަނުންނެވެ. ޓޯޔޯ ކޮންސްޓްރަކްޝަނަކީ އޭޝިޔާ ބައްރުގައިވެސް ކޮންސްޓްރަކްޝަން ސައިންސާއި ޑިޒާސްޓަރ ރެސިލިއަންސަށް ޚާއްސަ އުފެއްދުންތެރިކަމަށް މަޝްހޫރު ކުންފުންޏެކެވެ.
މިހާރު ބޭނުން ކުރެވެމުންދާ ބޭރު ތޮއްޓާކީ ހަތަރު ފިޔަވައަސަކަށް ބަހާލައިގެން 1988 އަކުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ޗަޕާނު ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ތޮށިގަނޑެކެވެ.
ހައުސިން މިނިސްޓްރީން ބުނީ މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އުދައެރުމުގެ ސަބަބުން ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، މިދިޔަ ފެބްރުއަރީ މަހު ޗަޕާނު ސަރުކާރާއެކު އެއްބަސްވެފައިވާގޮތަށް އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މަސައްކަތް ނިމުމުން ރާޅުގަނޑު ސަރަހައްދުން ފެށިގެން ނޯތު ހާބަރާއި ރަސްފަންނު އަދި ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.



