- Advertisement -spot_img

އެފްއޭ ކަޕް: ސެންޓޭގެ ހެޓްރިކާއެކު އޮޑި ބަލިކޮށް ނިއުރޭޑިއަންޓް ސެމީ އަށް

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް 4-0 އިން ކުރިހޯދައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުރޭޑިއަންޓުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ސެންޓޭގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ފެނިގެންދިޔައީ ހިލޭޖެހުމަކުންނެވެ. އޭގެ 10 މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ނިއުގެ ލީޑު ފުޅާކޮށްދީފައެވެ. އޮޑި ސްޕޯޓްސް ކްލަބަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، ނިއުރޭޑިއަންޓްގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ބިދޭސީ ފޯވާޑް އެލްހާޖީ ގެރޯއެވެ. މި މެޗުން ބަލިވުމާއެކު އޮޑި ސްޕޯޓްސް ކްލަބަށް މި ފަހަރުގެ ސީޒަން ވަނީ ނިމިފައެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ނިއުރޭޑިއަންޓް ބައްދަލުކުރާނީ ތިންވަނަ ޑިވިޝަންގެ ބްލޫ ސްޕޯޓްސް ކްލަބާއެވެ.

ގުޅުންހުރި ލިޔުންތައް