މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މާޗު މަހު އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 17 ޕަސަންޓް އިތުރު އަދަދެކެވެ. އަދި މިއީ މާޗް މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 26.8 ޕަސެންޓް އިތުރު އަދަދެކެވެ.
މާޗް މަހު އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީގެ ގޮތުގައި ލިބުނުއިރު އެއީ 2.4 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ރިޒޯޓްތަކުގެ ކުލިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނުއިރު އެއީ 440 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ، އެއަޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 198 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާ އިން ބުނި ގޮތުގައި މާޗް މަހު ލިބުނު އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އާމްދަނީއާއި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ ޓެކުހާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 ޕަސަންޓް އިތުރުވުމަކީވެސް މާޗް މަހުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން 882 މިލިއަން ރުފިޔާ މިދިޔަ މާޗް މަހުގެ ތެރޭގައި ދައުލަތަށް ހޯދައިދީފަ އެވެ. އަދި ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އާއި ޑިއުސް ކްލިއަރެންސްގެ ގޮތުގައި 411 މިލިއަން ރުފިޔާވެސް ހޯދާފައިވެ އެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާވެސް ހޯދާފައިވެއެވެ.
މީރާއަށް މިދިޔަ މާޗް މަހު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރޭގައި 205.18 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.



