ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި އިހުތިރާމުގެ ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ.
މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވަކިން ހާއްސަކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދާއިރާއާ ގުޅުންހުރި ތައުލީމީ އަދި ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.
ހަމައެއާއެކު، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ.



