ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތަކުން ޕީއެސްޖީން 2-0 އިން ލިވަޕޫލް ބަލިކުރިއިރު، ބާސެލޯނާ އަތުން 2-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓްގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ޑެސައީ ޑުއޭ އެވެ. މިއީ ލިވަޕޫލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފް ނިމުމުގެ ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ޕީއެސްޖީން ތަނަވަސްކުރިއިރު، މެޗުގެ 65 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ކްވިޗާ ކްވަރަޝްކޭލިއާ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ޕީއެސްޖީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗުގެ 44 ވަނަ މިނެޓްގައި ޒުވާން ޑިފެންޑަރު ޕައު ކުބާސީއަށް ދެއްކި ރަތްކާޑާއެކު ބާސާއިން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. ކުބާސީ އަށް ރަތްކާޑު ދެއްކީ އެތުލެޓިކޯގެ ޖިއުލިއާނޯ ސިމިއޯނީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެ ފައުލާ ގުޅިގެން އެތުލެޓިކޯ އަށް ލިބުނު ހިލެޖޭހުން ކާމިޔާބުކޮށްދީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. ދެވަނަ ހާފުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މާކަސް ރަޝްފޯޑް ފޮނުވާލި ހިލެޖޭހުމެއް އެތުލެޓިކޯގެ ދަނޑިއަށް ވެސް އަމާޒުވެފައިވެ އެވެ. މި މެޗުގައި އެތުލެޓިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އެލެކްޒެންޑާ ސޯލޮތް އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގަ އެވެ.



