ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކުރައްވާފަ އެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފައެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށާއި އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ. އެގޮތުން އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާކަމަށް ވިދާޅުވިއެވެ.



