ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެމެރިކާއިން އިރާނަށް ދޭ ހަމަލާތައް ހުއްޓާލެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފިއެވެ.
ޓްރަމްޕު މިފަދައިން ބުނީ ރޭ އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.
މެދުއިރުމަތީގެ ހާލަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓްރަމްޕު ބުނީ އީރާނަށް ދެމުންދާ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އެގައުމަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެކަން ކަށަވަރުކުރުން ކަމަށާއި އެކަން މިހާރު ހާސިލުވެއްޖެ ކަމަށެވެ.
އަދި މިހާރު ކުރިޔަށްދަނީ އިރާނާއި ދެކޮޅަށް ހިންގަމުންދާ ”އޮޕަރޭޝަން“ ގެ ފަހު މަރުހަލާ ކަމަށާއި ކުރިޔަށް ދެތިން ހަފްތާގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލުކުރެވި ހަނގުރާމަ ހުއްޓާލެވޭނެ ކަމުގައި ޓްރާމްޕު ބުންޏެވެ.
ޓްރަމްޕު ރޭވެސް ވަނީ އިރާނާއިއެކު އެއްބަސްވުމަކަށް އޭގެ ކުރީންވެސް އާދެވިދާނެ ކަމަށް ބުނެ އާދޭސް ކޮށްފައެވެ.
ޓްރަމްޕު އިތުރަށް ބުނީ އެމެރިކާއިން ދިން ހަމަލާތަކާއިއެކު އިރާނު 15-20 ވަރަކަށް އަހަރަށް ފަހަތަށް ޖައްސާލެވިފައިވާ ކަމަށާއި މިހާރު އިރާނުގައި ރަނގަޅަށް މަސައްކަތްކުރާ އަސްކަރީ އެއްވެސް ބާރެއްވެސް ނެތްކަމަށެވެ. އެހެންނަމަވެސް އިރާނުން އަދިވެސް ތިބީ ގަދަކޮށް ޔަހޫދީންނާއި އެމެރިކާގެ ބާރު އެސަރަހައްދުން ފޮހެލަންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



