- Advertisement -spot_img

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް އެހީވެދޭނަން: ބީއެމްއެލް

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކާއެކީ މަޝްވަރާކުރަމުން އަންނަ ކަމަށާއި، ފަތުރުވެރިކަމަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، ބީއެމްއެލުން މިއަދު ބުނެފިއެވެ.

ބީއެމްއެލުން ބުނީ، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އެ ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

”މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ހިނގަމުންދޭ،“ ބީއެމްއެލުން ބުންޏެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި، ހަނގުރާމައިގެ ސަބަބުން ހާލަތު ބަދަލުވަމުން އަންނަ ގޮތް ބޭންކުން ބަލަމުން ގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، އެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް