މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ މައިންބަފައިންނަށް ކަމޭހިތުމުގެ މައްޗަށެވެ.
މިއަދުގެ ހުތުބާގައި ވިދާޅުވީ، މާތް ﷲ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވާފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހައްގުތަކަކީ ނުހަނު މަތިވެރި ހައްގުތަކެއްކަން ފާހަގަކުރައްވައި، ދަރީންގެ ބާއްޖަވެރިކަމަށްޓަކައި މައިންބަފައިންވާ ގުރުބާނީގެ އަގު ވަރަށް ބޮޑުކަމަށް ހުތުބާގައި ވިދާޅުވިއެވެ.
”އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މެދުވެރިވި ފަރާތް. އިހުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވޭ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެ. މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިއުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދޭ،“ ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ، ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑުކުރުމަށްޓަކައި މައިންބަފައިން އެމީހުންގެ ޖާނާއި މާލުން ގުރުބާންވާ ކަމަށެވެ. އެފަދަ ބޮޑެތި ގުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް، ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ގަބޫލުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވާފައިވާ މިންވަރު ބަޔާންކޮށްދެއްވަމުން ހުތުބާގައި ވިދާޅުވީ، ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި މާތް ﷲ މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން، މައިންބަފައިންނަށް ކިޔަންމަންތެރިވުމުގެ ވާހަކަ އައިސްފައިވާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.
މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންނާއި ސޯލިހުންގެ މަތިވެރި ހުލްގުފުޅެއްކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ، އެއީ މުސީބާތްތަކުން ސަލާމަތްވެ، ބަރަކާތް ހާސިލުވެ، ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ބާއްޖަވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހުތުބާ ނިންމާލަމުން ވިދާޅުވީ، މައިންބަފައިންނަށް ކިޔަމަންތެރިވެ އިހުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ މަގު ފަހިވާ ކަމެއް ކަމަށެވެ. އަދި އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލުތަކުގެ ތެރޭގައި ހިމެނޭ، ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ އަމަލެއް ކަމަށް ހުކުރު ހުތުބާގައި ބަޔާންކުރައްވާފައިވެއެވެ.



