ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ މި ސިޔާސަތުގެ ދަށުން ވިލިމާލޭގައި ޢިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް“ އިން ހިންގާ މި މަޝްރޫޢަކީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރޭ ފެށި މި މަޝްރޫޢުގެ ދަށުން، 17 ފަންގިފިލާގެ 3 ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްޤީކުރާނެ އެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
”އެފޯޑަބަލް ހައުސިންގ“ މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ“ މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ ”ލީސް-ޓު-އޯން“ މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.



