އައްޑޫ ހުޅުދޫގެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެގޮތުން ފޯރިގަދަ ހިނގާލުމެއް އިއްޔެ ބާއްވައިފިއެވެ.
އެ ހިނގާލުމުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަތެވެ. އަދި ޕީއެންސީއަށް ތާއީދު ކުރާ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ.
އެ ހިނގާލުމުގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދޭނެ ބަޔަކު ކައުންސިލަށް އިންތިޚާބުކުރުން މުހިންމު ކަމަށެވެ.
ހުޅުދޫ ރައްޔިތުން އެދޭ ތަރައްގީ މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައެވެ.

ހުޅުދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ އެރަށު ނޫރާނީވިލާ، މޫސާ ސިއްދީގެވެ. ހުޅުދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ އެރަށު މާފިޔާ، ޢާއިޝަތު ސަވާ އިބްރާހީމް އާއި އެރަށު ގޮމަހެރަ، އާމިނަތު ނާފިޒާ އެވެ.
ކައުންސިލް މެންބަރު ކަމަށް ވާދަކުރައްވަނީ އެރަށު ސާހިލް، އިބްރާހީމް ސަމީޢު އާއި އެރަށު ނިއުޔޯކް، މުހައްމަދުދީދީ އެވެ.
ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އެރަށު އަހިމާގެ، ނާޖިޔާ އިބްރާހީމް އެވެ.
އެ ހުރިހާ ކެންޑިޑޭޓުން ބައިވެރިވި އެ ހިނގާލުމުގެ ބައިވެރިން ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައެވެ.



