ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ ކާރުތައް ރާއްޖެ ގެނެސްފިއެވެ.
މި ހިދުމަތް ދޭން ނިންމާފައި އޮތީ އެމްޓީސީސީ މެދުވެރިކޮށެވެ. އެގޮތުން އެ ކުންފުންޏާ ޓެކްސީ ލައިންގެ ހިދުމަތް ދޭން ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 15 ގައެވެ.
އެމްޓީސީސީން ބުނީ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކާރުތަކުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި ޝިޕްމެންޓްގައި ރާއްޖެ ގެނެސްފައިވަނީ ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގައެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.
އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ހިދުމަތް ފަށާނެ އެވެ.



