- Advertisement -spot_img

ފެނުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ކުރަމުންދާ ބައެއް މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ: މަތީން

ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް ހާއްސަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ފާހަގަކުރި ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން މަތީން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ހިދުމަތް ރައްޔިތުންނަށް ކަށަވަރުވާނޭ ގޮތަކަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުން ކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށެވެ.

މިގޮތުން ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް މިދިޔަ އަހަރު ކުޅުދުއްފުށި ސިޓީގައި އެމްޑަބްލިޔުއެސްސީ އިން ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާކަން އަބްދުލް މަތީން ފާހަގަކުރެއްވިއެވެ.

މަތީން ވިދާޅުވީ މިހާރު ކުރިޔަށް ގެންދެވޭ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އެޕްރީލް މަހުން ފެށިގެން ކުޅުދުއްފުށި ސިޓީގައި ޑީސަލާއި ނުލައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެންއުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.

މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އަބްދުލް މަތީން ވިދާޅުވިއެވެ.

މިއީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެ މި ކާމިޔާބީއަށް ވާސިލްވުމަށް މަސައްކަތްކޮށް އެހީވި އެންމެންނަށް އަބްދުލް މަތީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް