- Advertisement -spot_img

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ފްލެޓަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ މަހު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފުލެޓަށް ކުރިމަތިލުން ހުޅުވާލުން ހައުސިން މިނިސްޓްރީން ފަސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ މިމަހުގެ 11 ވަނަ ދުވަހު ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު“ އިސްލާހުކޮށް ގެޒެޓުކޮށްފައެވެ. އެ ދުވަހު ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފޯމު ހުށަހަޅަން ޖެހޭނީ، https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފެށިގެން ކަމަށެވެ. އަންނަ މަހުގެ 30 ގެ 23:59 ގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން މިމަހުގެ 11 ވަނަ ދުވަހު ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ މިހާރު އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތަކަށް ކަމަށެވެ.

ފްލެޓަށް ކުރިމަތިލާ ފަރާތަކީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުން ވޭތުވެދިޔަ އެއް އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި ފަސް އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް