އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕްދިން އިންޒާރުތަކަށް އަމަލީ ސިފައެއް ގެނެސްފިނަމަ، ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލަށް އީރާނަށް ދޭން ފެށި ބޮމުގެ ހަމަލާތަކާއި ގުޅިގެން ފެށި ހަނގުރާމައާ އެކު، އެ ކަނޑުއޮޅި މިހާރުވެސް އޮތީ ގާތްގަނޑަކަށް ބަންދުވެފައެވެ. ނަމަވެސް، ޓްރަމްޕް ވަނީ އީރާނަށް 48 ގަޑިއިރުގެ މުހުލަތެއްދީ، އެ ކަނޑުއޮޅި އަލުން ހުޅުވުމަށް އަމުރުކޮށްފައެވެ.
އީރާނުގެ އަސްކަރިއްޔާގެ އޮޕަރޭޝަނަލް ކޮމާންޑް ”ޚާތަމް އަލް އަންބިޔާ“ އިން ދައުލަތުގެ ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާއިން އީރާނުގެ އިންޖީނުގެތަކަށް އަމާޒުކޮށް ހަމަލާދީފިނަމަ، ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރެވޭނެ ކަމަށެވެ. އަދި އެ ކަނޑުއޮޅި އަލުން ހުޅުވާނީ ހަލާކުކޮށްލާފައިވާ އިންޖީނުގެތައް އަލުން ބިނާކޮށް ނިމުމުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އޭގެ އިތުރުން، އީރާނުން ވަނީ އިސްރާއީލުގެ އިންޖީނުގެތަކަށާއި، ހަކަތައާއި މުވާސަލާތީ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ސަރަހައްދީ ގައުމުތަކުގެ އިންޖީނުގެތަކަށާއި، އެމެރިކާގެ ހިއްސާދާރުން ތިބޭ ކުންފުނިތަކަށްވެސް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން. އީރާނުން ބުނާ ގޮތުގައި މި ފިޔަވަޅުތަކަކީ ގައުމުގެ ދިފާއުގައާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 އިންސައްތަ އާންމުކޮށް އުފުލާ މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހަނގުރާމަ ފެށުނު ފަހުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާރު އެ ސަރަހައްދުން ދަތުރުކުރަނީ ހަނގުރާމައިގެ ކުރިން ދަތުރުކުރި އުޅަނދުތަކުގެ އެންމެ 5 އިންސައްތައެވެ.
ފާއިތުވި ދުވަސްތަކުގައި އީރާނުން ވަނީ އެ ގައުމާ ރަހުމަތްތެރި ގައުމުތަކުގެ ބައެއް އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ހިންގާ ”އުދުވާނުގައި“ ބައިވެރިވާ ގައުމުތަކުގެ އުޅަނދުތައް ހުއްޓުވާނެ ކަމަށް ވަނީ ބުނެފައެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވި ގޮތުގައި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް މަޖިލީހުން ދަނީ ވިސްނަމުންނެވެ. އަދި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ކަނޑުގެ ދަތުރުފަތުރު ދެން އަނބުރާ ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



