އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި އާސެނަލް 2-0 އިން ބަލިކޮށްލައި، މެންޗެސްޓާ ސިޓީން ނުވަ ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގައި ސިޓީން ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގައެވެ. އެ ގޮތުން، ސިޓީން ލީޑުނެގި ގޯލަކީ އާސެނަލްގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ ހެދި ގޯހަކުން ސިޓީން ޖެހި ލަނޑެކެވެ. އެ ގޮތުން، މެޗުގެ 60 ވަނަ މިނިޓްގައި، އޭރިއާތެރެއިން ރަޔާން ޗާކީ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ކީޕަރު ކެޕާ އަތުގައި ޖެހިފައި، ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅަ، ޒުވާން ފުލްބެކް، ނިކޯ އޯރައިލީ ވަނީ ގޯލަށް ވައްދާލައިފައެވެ.
ފުރަތަމަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، އޯރައިލީ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މަޓެއުސް ނޫނޭޒް ނެގި ހުރަހަކުން އެރިއާތެރެއިން ބޮލުން ގޯލަށް ފޮނުވާލައިގެން، އޯރައިލީ ޖެހި ގޯލެކެވެ.
އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާގެ ކެރިއަރުގައި، ފުރަތަމަ ފަހަރަށް ވެމްބްލީގައި މެޗަކުން ބަލިވިއިރު، 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފަހުން ތަށްޓެއް ހޯދަން އާސެނަލުން ކުރާ މަސައްކަތް ވަނީ ދިގުލައިފައެވެ. އާސެނަލުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1993 ވަނަ އަހަރުއެވެ.
ސިޓީގެ މި ކާމިޔާބާ އެކު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވެފައިވަނީ، ލީގު ކަޕް ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ފުރަތަމަ ކޯޗަށެވެ. ސިޓީން ނުވަ ފަހަރު ލީގު ކަޕް ޗެމްޕިއަންކަން ހޯދިއިރު، އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ވަނީ 10 ފަހަރު މުބާރާތުގެ ތަށި އުފުލާލައިފައެވެ.



