މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީ ގޮތުން ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދާއި އެނޫން އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭގޮތަށް ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
”ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މި ދަނޑިވަޅަކު ނުފެނޭ،“ ޣައްސާން ވިދާޅުވި އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނީ ކޮން ގައުމަކުންތޯ މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ގައުމުތަކާ ކުރެވޭ އެފަދަ މުއާމަލާތްތަކަކީ ގައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.



