- Advertisement -spot_img

އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ: ސައީދު

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އަދި އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަޕްލައިކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުން އެކަމުގެ ނޭދެވޭ އަސަރު ދިވެހިންނަށް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

އެސްޓީއޯއިން ތެޔޮ އެތެރެކުރަމުން ދަނީ ރާއްޖޭގެ ޑިމާންޑަށް ރިޢާޔަތްކޮށް، ސަޕްލަޔަރުންނާއެކު ކުރިއާލައި ވެފައިވާ “ނޮމިނޭޝަން” އެއްބަސްވުންތަކުގެ ދަށުންކަން ފާހަގަކުރައްވައި، މި ހަފުތާގައިވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ސަޕްލަޔަރުންނާއެކު ވެފައިވާ އެއްބަސްވުންތަކާއި ތާރީޚުތަކާ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ޝިޕްމެންޓްތައް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އާންމު ރައްޔިތުން ކަންބޮޑުނުވުމަށް އިލްތިމާސްކުރައްވަމުން ވަޒީރު ވަނީ، މާތްﷲގެ ވާގިފުޅާއެކު ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީ ތަކެތިވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއިން ލިބެން ހުންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް