- Advertisement -spot_img

އީރާނުން އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެ ހުންނަ ރަށަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުގެ ޔޫރޭނިއަމް ފައްކާކުރާ ނަޓާންޒް ފެސިލިޓީއަށް އިސްރާއީލާއި އެމެރިކާ ގުޅިގެން ބޮން އެޅުމުން އީރާނުން އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެ ހުންނަ ރަށަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

އީރާނުން ދިން މިސައިލް ހަމަލާތައްވަނީ ސީދާ އިންޖީނުގެއަށް އަމާޒުވެފައެވެ. ނަމަވެސް، އެތަނަށް ލިބުނު ގެއްލުންތަނެއް ސާފެއް ނުވެއެވެ. މިއީ، އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެ ހުންނަ ޑިމޯނާއަށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުން މިސައިލް ހަމަލާތައްދިން 5 ވަނަ ފަހަރެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ވައިގެ ތެރޭގައި މިސައިލް އެތައް ބަޔަކަށް ބެހިގެންދާތަނެވެ. އެއާއެކު، ބާރުގަދަ ގޮވުންތަކެއް ގޮވައި މުޅި ސަރަހައްދު އަލިފާންގުޅައަކަށް ބަދަލުވެއެވެ. ހަމަލާގެ ފަހުން އިސްރާއީލުގެ އިމަޖެންސީ ފަރާތްތަކުން ބުނެފައިވަނީ، އީރާނުން ދިން މިސައިލް ހަމަލާތަކުގައި 20 މީހުން ޒަޚަމްވި ކަމަށެވެ. އެހެން ބައެއް ރިޕޯޓްތައް ބުނަނީ 39 މީހުން ޒަޚަމްވި ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން މއީރާނުގެ ނަޓާންޒް ނިއުކްލިއަރ ފެސިލިޓީއަށް ހޮނިހިރު ދުވަހުގެ ހެނދުނު ހަމަލާދިން ނަމަވެސް، އެތަނުން ރޭޑިއޯއެކްޓިވް ލީކްވެފައި ނުވާ ކަމަށާއި، އަދި ކައިރި ހިސާބުތަކުގައި އުޅޭ އާންމުންނަށްވެސް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް އީރާނުން ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާރުވެސް ގެންދަނީ އިސްރާއީލަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ އެކި ހިސާބުތަކުން އެތައް އިމާރާތެއް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވަމުން އެބަ ދެއެވެ.

އިސްރާއީލުގެ މެދުތެރެއިން ތެލް އަވީވަށާއި، އެހެން ހިސާބުތަކަށް އީރާނުން ހަމަލާދެމުން ގެންދާއިރު، ލުބުނާނުގެ ހިޒްބުﷲ އިން ގެންދަނީ އިސްރާއީލުގެ އުތުރަށް ވަރުގަދައަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް