spot_img

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ހަރަކާތުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ، ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ހަރަކާތަކީ، 2000ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު، ގަރލް ގައިޑްސް އެސޯސިއޭޝަނުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއި އެކު ޢީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް ޢީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކާއެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން ޢީދު ހަދިޔާ ބަދަލުކުރައްވައި، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވެވިއެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ތެރެއިން، ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދަތުރުކޮށް މިހަރަކާތްތައް މެދު ނުކެނޑި ކުރިޔަށް ގެންދާތާ، މިއީ 27 ވަނަ އަހަރެވެ.

spot_img

ގުޅުންހުރި ލިޔުންތައް