- Advertisement -spot_img

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ ސަމާލުވުމަށް އެދިއްޖެ

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ހޫނު ވުމާއި ގުޅިގެން އިރުގެ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ހޫނުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މައުލޫމާތުދެއްވާ ގޮތުގައި ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މަށްޗަށް ދާ ދުވަސްވަރެވެ. އަދި މި ދުވަސްވަރު ހޫނު ގަދަވުމަށް މެދުވެރިވާ ސަބަބަކީ ވިލާ މަދުވެ، ވައި މަޑުވެ، ވައިގެ ތެއްކަން ހިފެހެއްޓޭ މިންވަރު މަތިވުމުންނެވެ. އަދި ދުވާލުގެ ހޫނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ހޫނުމިން މަތިވެގެންދާ ވަރާ އަޅާބަލާއިރު، އެ ފަރަގުވެސް ކުޑަވެއެވެ. މިކަމުގެ ސަބަބުން ޢާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެގެންދާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ.

މިދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން އެޗްޕީއޭއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކުރާ އަސަރު މާބޮޑުކަން ފާހަގަކޮށް، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޢިލްތިމާސްކޮށްފައެވެ.

ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ބޮޑުވާތީ، ބެލެނިވެރިން މިކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތު ކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާ ކުޑަކުދިންގެ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ، ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާ ގޮތުން، އެކުދިންގެ ބަރުދަނާ އަޅާބަލާއިރު ހަމުގެ ސައިޒު ބޮޑުވުމުން ހަށިގަނޑަށް ބޮޑަށް ހޫނު ދަމައިގަންނާނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް އެންމެ ތުއްތު ކުދިންނަށް މިކަމުން ވަރަށް ބޮޑަށް ނުރައްކާވާނެ ކަމަށެވެ.

އެންމެ ބޮޑަށް ނުރައްކާވާ ފަރާތްތައް

ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން

މާބަނޑު މީހުން

ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން

އަވީގައި ގިނަވަގުތު މަސައްކަތް ކުރަންޖެހޭ ފަރާތްތައް

ޑރ. ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ބެލެނިވެރިން ސަމާލުވާންޖެހޭ ކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ހޫނުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށްވެސް ބާރުއެޅުއްވިއެވެ.

ކުޑަކުދިން ހޫނުން ރައްކާތެރި ކުރުމަށްޓަކައި ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގަޔަށް ދޫ ތުނި ހެދުން ލެއްވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ގާތުން ކިރުދޭ ކުދިންނަށް ޤަވާއިދުން ކިރު ދިނުމަށާއި، 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ދިޔާ ތަކެއްޗާއި، ފެން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން ހޫނުގަދަ ގަޑިތަކުގައި ބޭރަށް ގެންދަން ޖެހިއްޖެ ނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން ވަނީ، ހެނދުނު 10 އަކުން ހަވީރު 4 އަކާއި ދެމެދު ސީދާ އަވީގައި އުޅުން މަދުކުރުމަށް އިރުޝާދު ދީފައެވެ. އަދި މި ދުވަސްވަރު ގިނައިން ދިޔާ ތަކެތި ބުއިމަށްވެސް ވަނީ ބާރުއަޅާފައެވެ.

ގުޅުންހުރި ލިޔުންތައް