- Advertisement -spot_img

މުސްލިމުންނަށް ހަމަލާދޭ އެމެރިކާގެ އަސްކަރީ ބޯޓުތައް ލަންކާއަށް ވަންނަން ހުއްދައެއް ނުދިން

އެމެރިކާގެ އަސްކަރީ ދެ މަތިންދާ ބޯޓު، ސްރީލަންކާގެ މަޓަލާ އެއާޕޯޓަށް ޖެއްސުމުގެ ހުއްދައަށް އެދުމުން، ލަންކާ ސަރުކާރުން އެކަމާ ދެކޮޅު ހަދައިފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާގެ އަސްކަރީ ދެ މަތިންދާ ބޯޓު ލަންކާއަށް ވަނުމަށް ހުއްދަ ނުދޭން ނިންމިކަން އިއުލާން ކުރެއްވީ ލަންކާގެ ގާނޫނު ހަދާ މަޖިލިހުގައި ވާހަކަ ދައްކަވަމުން ރައީސް އަނޫރާ ކުމާރާ ދިސަނަޔަކޭއެވެ. މިކަމަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެމެރިކާގެ ބޯޓުތައް ލަންކާއަށް ޖެއްސުމުގެ ހުއްދައަށް އެދުނީ މި މަހުގެ 4 އަދި 8 ވަނަ ދުވަހުއެވެ. ނަމަވެސް ލަންކާ ސަރުކާރުން އެ ދެ ފަހަރު ވެސް ދެކޮޅު ހަދާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައިވެއެވެ. ލަންކާގެ ރައީސް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ލަންކާ އޮންނާނީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށެވެ.

އިންޑިއާ ކަނޑުގައި ދަތުރުކުރަމުން ދިޔަ އީރާނުގެ ހަނގުރާމަމަތީ މަނަވަރަކަށް އެމެރިކާގެ ސަބްމެރީނަކުން ހަމަލާދީ ފައްތާލައި މަނަވަރުގައި ތިބި 87 ސިފައިން މި މަހުގައި މަރާލީ ލަންކާގެ ކައިރިންނެވެ. މި ހަމަލާ އަމާޒުވެފައިވަނީ އިންޑިއާގައި ބޭއްވި ”މިލާން 2026“ ކަނޑުގެ އަސްކަރީ ތަމްރީނުތައް ނިންމާލުމަށްފަހު އެނބުރި ގައުމަށް ދަތުރުކުރި އީރާނުގެ ”އައިއާރްއައިއެސް ދޭނާ“ ނަމަކަށް ކިޔާ މަނަވަރަށެވެ. ލަންކާ އިން ވަނީ މަރުވެފައިވާ 87 މީހެއްގެ ހަށިގަނޑު ހޯދައި 32 މީހުން ސަލާމަތްކޮށްފައެވެ.

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ 28 ގައެވެ. ފުރަތަމަ ދިން ހަމަލާތަކުގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައިއާރުޖީސީ) ގެ ވެރިންތަކަކާއި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ. ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި ގައުމުތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގައުމުތަކަށް ހަމަލާތައް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް