އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ތުނޑު ކުނަލަކީ ރާއްޖެއިން އދ. ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެކެވެ.
ރާއްޖޭގެ ތުނޑު ކުނަލެއް އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.
އދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އދ. ގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އދ. ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.
މި ތުނޑު ކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ، އދ. ގެ މެމްބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރި ކުނަލެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އ.ދ. ގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާ ކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ.ގައްދޫގެ ބޭފުޅެކެވެ.



