- Advertisement -spot_img

އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ މިންގަނޑުތަކަށް ބޯލެނބުމަށް ގޮވާލައިފި

އިސްލާމީ މަތިވެރި އަޅުކަމެއް ކަމުގައިވާ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށްފަހު، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ މިންގަނޑުތަކަށް ބޯލެނބުމަށާއި، މުޖުތަމައުގެ އެންމެންގެ މެދުގައި ލޯތްބާއި ކުލުނު އާލާކުރުމަށް ގޮވާލައިފިއެވެ.

މިއަދު އިއްވި ފިތުރު އީދު ހުތުބާގައި ބުނީ، އީދު ދުވަހަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި މާތް اللهގެ ހަޟުރަތަށް ޝުކުރުވެރިވެ، ދީލަތިވުމުގެ ދުވަހެއް ކަމަށެވެ. އަދި އީދު ދުވަހުގެ މޫނުމަތިން އުފާވެރިކަން ފާޅުކުރުމަށާއި، ލޯތްބާއި އަހުވަންތަކަމުގެ ޝުއޫރުތަކާއެކު ހަދިޔާ ބަދަލުކުރުމަށް ބާރުއަޅާފައިވެއެވެ.

ހަމަ އެހެންމެ އިސްލާމީ އީދުތައް ފެށިގެންދަނީ އިޖުތިމާއީ ބޮޑު ބައްދަލުވުމެއް ކަމުގައިވާ އީދު ނަމާދުންކަން ފާހަގަކޮށް، ހުތުބާގައި ބުނީ މި ނަމާދުގެ ސަބަބުން އެކަކު އަނެކަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި އީދަކީ އެންމެން ބައިވެރިކުރަންޖެހޭ އިހުތިފާލަކަށްވާއިރު، ތަފާތު ނަސްލުތަކުގެ މުސްލިމުންވެސް މި އުފަލުގައި ބައިވެރިކުރަންޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

ފިތުރު ޒަކާތުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، އީދު ނަމާދުގެ ކުރިން ޒަކާތް ނެރުމަށް އަންގަވާފައިވަނީ ފަގީރުންނާއި މިސްކީނުންނަށްވެސް އީދުގެ އުފަލުގައި ބައިވެރިވުމުގެ މަގުފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. މީގެ އިތުރުން، އީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުތަކުގެ ތެރޭގައި ތިބުމަށާއި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަ ނުދިނުމަށް ހުރިހާ މުސްލިމުންނަށް ވަނީ ހަނދާންކޮށްދީފައެވެ.

ހުތުބާ ނިންމާލަމުން ވަނީ، ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެންދިޔައީ އަހަރެމެން ކުރި ހެޔޮ އަމަލުތަކުގެ މައްޗަށް ހެކިދޭނެ ހެކިވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި މާތް الله ޝަރުއުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް އެ މަސް ޝަފާއަތްތެރިވާނެކަމުގެ އުންމީދު އާކޮށްދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް