ކ. ތުލުސްދޫގައި އަލަށް އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއަކީ އެ ރަށުގެ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި، އެކޮމޮޑޭޝަން ބްލޮކްގެ ފައުންޑޭޝަން ފުޓިންގ އެޅުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލް އިމާރާތުގެ އިތުރުން، 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން ޕްރައިވެޓް ރޫމްތައް ހިމެނެއެވެ. މީގެއިތުރުން، ޒަމާނީ ފެންވަރުގެ ލެބޯރެޓަރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ހިދުމަތްދޭ ކޮޓަރިތައްވެސް ގާއިމްކުރެވޭނެއެވެ.
ހަމައެއާއެކު، ކުއްލި ފަރުވާ ދޭނެ އިމަރޖެންސީ ޔުނިޓަކާއި ޕަބްލިކް ހެލްތު ޔުނިޓެއްވެސް މި ހޮސްޕިޓަލުގައި ގާއިމްކުރުމަށް ވަނީ ރޭވިފައެވެ. މިއީ ތުލުސްދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކަށްވެސް ސިއްހީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
ތުލުސްދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. މި ބޮޑު މަޝްރޫއަށް ޖުމްލަ 101.71 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.



